އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެސްކޮޓްތައް ފީފާއިން ރަސްމީކޮށް ދައްކާލައިފިއެވެ.
މުބާރާތް ބާއްވާ ތިން ގައުމުގެ ސަގާފަތާއި ވަނަވަރު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި މެސްކޮޓްތަކަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ޚާއްސަކޮށްފައިވާ މެސްކޮޓްތަކެކެވެ.
މުބާރާތަށް ހާއްސަކުރި މެސްކޮޓްތަކުގެ ތެރޭގައި ހިމެނެނީ ކެނެޑާ ރަމްޒުކޮށްދޭ ”މޭޕްލް“ އާއި އެމެރިކާ ރަމްޒުކޮށްދޭ ”ޒަޔޫ“ އަދި މެކްސިކޯ ރަމްޒުކޮށްދޭ ”ބޯލްޑް އީގްލް“ އެވެ.
Allow us to officially introduce ourselves. #WeAre26 | #FIFAWorldCup
— FIFA World Cup (@FIFAWorldCup) September 25, 2025
މި މެސްކޮޓްތަކަކީ މުބާރާތް ބާއްވާ ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު ގެނުވައިދޭނެ މެސްކޮޓްތަކެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ މުބާރާތް ބާއްވާ ތިން ގައުމުގެ 16 ސިޓީއެއްގައެވެ. އަންނަ އަހަރުގެ މުބާރާތަކީ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެއް ފަހަރާ ތިން ގައުމެއްގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ޤައުމުތަކެއް ބައިވެރިވާ މުބާރާތް ކަމަށްވާއިރު މި މުބާރާތުގައި 48 ގައުމަކުން ވާދަކުރާނެއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވުނު ވޯލްޑް ކަޕްގައި 32 ގައުމަކުން ވާދަކުރިއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއިންނެވެ.



