އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ޔޫއެފާގެ މުބާރާތްތަކުން އިޒްރޭލް ބޭރުކުރުމަށް އަންނަ ހަފުތާގައި ވޯޓަކަށް ދާން މަޖުބޫރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ކުޅިވަރުވެރިން ޝަހީދުވެފައިވާއިރު، އިޒްރޭލް ހުރިހާ ކުޅިވަރެއްގައި ވާދަކުރަމުންދާތީ، އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.
މިކަމުގައި ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، އެ ޖަމިއްޔާވެސް ވަނީ ފާޑުކިޔުމުގެ ތަޅާފޮޅުމަކަށް ހުށަހެޅިފައެވެ.
ރޮއިޓާސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަންތަކުން ދަނީ ޔޫއެފާއަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. ހާއްސަކޮށް ގައުމުތަކުގެ ކޯޗުންގެ ޔޫނިއަންތަކުން އެ ގައުމުތަކުގެ ފެޑެރޭޝަންތަކަށްވެސް މި ޕްރެޝަރު އިތުރުކުރަމުންދާ ކަމަށް ވެއެވެ.
އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް އދ. ގެ އިސް އޮފިޝަލުންވެސް ވަނީ ގޮވާލައިފައެވެ. އަދި ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ތެރެއިން ނޯވޭ އެފްއޭގެ ރައީސް ލީސް ކްލަވެނެސްއާއި ސްޕެއިންގެ އިސްވެރިންވެސް ވަނީ މިކަމަށް ހާއްސަ ގޮވާލުމެއް ކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިޒްރޭލް ސަސްޕެންޑް ނުވާނެ ހުރިހާ ގޮތެއް ހޯދާނެ ކަމަށް ބުނެފައެވެ. އަދި ފީފާއިންވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވޭ ކަމަށް ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.
އަންނަ ހަފުތާގައި މާބެއްލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާގެ ބައްދަލުވުމުގެ އެޖެންޑާގައި އިޒްރޭލްގެ މައްސަލަ ނެތްނަމަވެސް، އެމަޖެންސީ ވޯޓަކަށް ދިޔުން އެކަށީގެންވާ ކަމަށް އިތުބާރުހުރި ނޫސްތަކުން ވަނީ ބުނެފައެވެ.




