ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވ. އަތޮޅާއި، މ. އަތޮޅާއި، ނ. އަތޮޅާއި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއިރު، ކޮންމެ ރަށެއްގައިވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.
މި ދަތުރުފުޅުގައި ގިނަ ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ބައެއް ރަށްރަށުގައި އާރްޓީއެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ފެއްޓެވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވިއެވެ. މި ޚިދުމަތްތަކާއެކު، މި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރުވަނީ އޭޓީއެމްގެ ޚިދުމަތް ލިބެން ފަށާފައެވެ.
މީގެއިތުރުން، ރައީސް މި ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި، ގެދޮރުވެރިކަމާއި، ތަޢުލީމާއި، ސިއްޙަތާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާ ގުޅޭ މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވެއެވެ.
އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރައްވާނެ މަސައްކަތްތަކާއި، ބޭންކިންގ ދާއިރާއާ ގުޅޭ މުހިންމު ނިންމެވުންތަކެއް އިޢުލާންކުރައްވާފައިވެއެވެ.




