ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުގީގު އަވަސްކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ފެނަކައިގެ މައްސަލައިގައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަޙުގީގުކުރަން ފަށާފައެވެ. އަދި އޭސީސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަޙުގީގުކުރުމަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ޑިޖިޓަލައިޒް މިކުރަނީ އެ ބޭނުމުގައި. ގަވަނެންސް ނިޒާމު މި ޑިޖިޓަލައިޒް ކުރަނީ ކޮރަޕްޝަން އިރެޑިކޭޓް ކުރަން ނައްތާލަން، މިއީ އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ބިޔަ މަޝްރޫޢު.“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި، މި ބިލުގެ މައިގަނޑު މަޤްޞަދަކީ އެމްއެމްޕީއާރުސީ އަދި ފެނަކަ ފަދަ ކުންފުނިތަކުން ކޮށްފައިވާ ޚިޔާނާތުގެ މައްސަލަތައް ބެލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ. މަޖިލީހުން މި ބިލު ފާސްކުރުމުން ތަސްދީގުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތައް ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް ކުރިއަށްގެންދެވި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުންނެވެ. އަދި މި މައްސަލަތަކުގެ ތަޙުގީގަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



