މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.6 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެ 1.6 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.6 ޕަސެންޓްގެ އިިތުރުވުމެކެވެ.
މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް އަހަރުގެ ބާކީ އޮތް 98 ދުވަހުގެ ތެރޭގައި ދުވާލަކު 7،098 ޓޫރިސްޓުން ރާއްޖެއަށް ގެންނަން ޖެހޭނެ އެވެ. ނަމަވެސް މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަނީ 6،500 އެއްހާ ޓޫރިސްޓުންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 254،950 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިޔާ އެވެ. އެ ގައުމުން 194،606 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 142،957 ޓޫރިސްޓުންނާއި، ޖަރުމަނުވިލާތުން 111،569 ޓޫރިސްޓުންނާއި، އިޓަލީވިލާތުން 111،253 ޓޫރިސްޓުން ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފާއިތުވި އަހަރު ރާއްޖެއަށް އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.



