ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފިއެވެ.
އެންމެ ފަހު ރަށެއްގެ ގޮތުގައި މި ޚިދުމަތް ތ. އޮމަދޫގައި ފަށައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުލުހުން ބުނިގޮތުގައި، އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައެވެ.
މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސްގެ ތަޞައްވުރެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް ފެށްޓެވުމުގެ އިތުރުން، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
ސަރުކާރުން ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.



