މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރުމަށް ވަގުތު އޮއްވައި، އަވަހަށް ހުށަހެޅުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މިއަދު އެދިއްޖެއެވެ.
މުޅިއަކު ހަތަރު މަގާމަކަށް އެ ކޮމިޝަނަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވެހުއެވެ. އެއީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމްސީލްކުރަން ދެ ގޮނޑިއަކަށެވެ.
އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
އޭގެފަހުން، މިއަދު ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ވަނީ، އެ އިންތިޚާބަށް ކުރިމަތިލާން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑުގެ ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަން ކުރެވޭނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށްވިޔަސް ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ’ރެކޯޑް ޕޯޓަލް’އަޅައި، އަދާހަމަ ކުރެވިފައިނުވާތީ ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.



