މަސްތުވާތަކެތި ގަތީ ނަފްސާނީ ބަލު ހުރުމުން ކަމަށާއި ނަމަވެސް ފުލުހުންގެ ސަބަބުން ބޭނުން ނުކުރެވުން ކަމުގައި ކްރިމިނަލް ކޯޓުގައި ޒުވާނަކު ބުނެފިއެވެ.
މިއަދު ކޯޓަށް ހާޒިރު ކުރި 21 އަހަރުގެ ދިވެހި ފިރިހެނަކު ބުނީ، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށާއި ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު މަސްތުވާތަކެތި ގަނެގެން ދިޔައީ ޑިޕްރެޝަންގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް، އެ ތަކެތި ބޭނުން ނުކުރެވެނީސް ފުލުހުން އޭނާ ހުއްޓުވި ކަމަށް އެ މީހާ ބުންޏެވެ.
އޭނާގެ ކޯޓު އަމުރުގައި ވަނީ އޭނާގެ ކުޑަކަމުދާއެއްޗެހި މަސްތުވާއެއްޗެއްސަށް ނެގެޓިވްކަން ފާހަގަކޮށްފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމީ އޭނާއަށް ޝަރުތު ކުރުމަށް ފަހު ދޫކޮށްލުމަށެވެ. އެއީ އޭނާ ތުހުމަތު ކުށް ކުރި ކަމަށް ހެކި ހުރި ނަމަވެސް އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތުމުންނާއި އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް އަމުރުގައިވެއެވެ.
ނަމަބެސް އޭނާގެ މައްޗަށް ކުރި ޝަރުތުތަކުގެ ތަފުސީލު އެ އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.



