ގދ.ތިނަދޫގެ ގެއަކަށް ވަދެ ޒުވާބުކޮށް، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓިކްޓޮކް ތަރި އާމިނަތު ފޭޒްލީން، ކަފާލާތުގެ ގޮތުގައި 10،000 ކޯޓަށް ދެއްކުމުން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ފޭޒްލީން އިއްޔެ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނިންމީ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ގޮތުގައި 10،000 ރުފިޔާ ކޯޓުގައި ބަހައްޓައިފިނަމަ، ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކިއްޖެނަމަ 15 ދުވަހަށް ބަންދު ކުރަން ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ރޭގައި ބުންޏެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ބުނީ، ކޯޓަށް މިހާރު އެ ފައިސާ ދައްކާފައިވާ ކަމަށާއި އެހެންކަމުން ކަފާލާތުގެ ދަށުން ފޭޒްލީން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ރޭގައި ބުނި ގޮތުގައި ފޭޒްލީން ހައްޔަރުކުރީ، މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ތިބި ކުޑަކުދިންތަކަކާ މެދު ހުތުރު ބަހުން މުއާމަލާތްކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައެވެ.



