ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯޓުން މަރުޙަބާ ކިޔުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އެ މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ“ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން“ އެވެ.
މި ހަރަކާތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ، މުހައްމަދު މިހާދު ވިދާޅުވީ، ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ކުރިއަށްގެންދާ ހަރަކާތް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
”ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ދުވަހުގެ މުނާސަބަތުގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އެމްއޭސީއެލްއިން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދިވެހީންގެ ސަޤާފީ އެލެމެންޓްސްތައް ހިމަނައިގެން ބައެއް ކަހަލަ އެކްޓިވިޓީސްތައް ކުރިއަށް އެބަގެންދަން. ހަމަ އެގޮތަށް ރީޖަނަލް އެއަރޕޯޓުތަކަކީވެސް ޓޫރިސްޓުން އެކި ރިސޯޓުތަކަށް ގެންދިއުމުގެ ރާއްޖޭގެ ޓްރާންސްޕޯޓުގެ މުހިންމު ކޮމްޕޮނެންޓެއް. ވީއައިއޭ އަށް އަންނަ 18 އިންސައްތަ ފަތުރުވެރިން ރީޖަނަލް އެއަރޕޯޓުތަކަށްދޭ. ރީޖަނަލް އެއަރޕޯޓުތަކުގަވެސް މިއަދު މި ހަރަކާތް ކުރިއަށް އެބަ ގެންދަން.“ މިހާދު ވިދާޅުވިއެވެ.




