ޔޫއެން އިން، 2030ގެ ނިޔަލަށް ހާސިލްކުރަން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ތަކަށް، ރާއްޖޭގައި ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު)، މާލެ ސިޓީ ކައުންސިލުން، ފުރަތަމަ ފަހަރަށް ތައްޔާރުކޮށް، ތަޢާރަފްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ވީއެލްއާރު ތަޢާރަފް ކޮށްފައިވަނީ، ދެކުނު ކޮރެއާގައި ބޭއްވި، ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަންމަންޓް އޭޝިއާ ޕެސިފިކް (ޔޫސީއެލްޖީ އޭއެސްޕީއޭސީ) ކޮންގްރެސް 2025 ގައި ކަަމަށެވެ.
މާލެ ސީޓިގެ ވީއެލްއާރެއް ތައްޔާރުކުރުމުގެ މަސައްކަތަކީ 2024 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
އެ ކައުންސިލުން ބުނީ މި ރިވިއު އެކުލަވާލުމުގެ މަސައްކަތްކޮށްފައި ވަނީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޒުވާނުންގެ ޖަމިއްޔާތަކާއި އަދި ފަންނީ މާހިރުންގެ ލަފަޔާ އެކު ކަމަށެވެ.
“މި މުހިންމު މަސައްކަތުގެ ސަބަބުން، މާލެ ސިޓީއަކީ، ހަމައެކަނި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދޭ ތަނަކުން، އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ އިދާރާއަކަށް ބަދަލު ވެގެން ދިޔަ“ އެ ކައުންސިލުން ބުނެފައި ވެއެވެ.
މިގޮތުން، މާލެ ސިޓީއަކީ، ހުރިހާ ފަރާތްތަކަށް ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިޓީއެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީއަކަށް ހެދުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށް ވެސް މި މަސައްކަތްވެގެން ގޮސްފައިވާ ކަމަށްއެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން މި ރިވިއު ވެގެންދާނީ، މާލޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް (އެސް.ޑީ.ޖީ) ވާސިލުވުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އެއްޗަކަށް ކަމަށްވެސް އެ ކައުންސިލުން ބުނެފައި ވެއެވެ.
ވީއެލްއާރު އެކުލަވާލުމުގެ މަސައްކަތަކީ، އދ. ގެ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)، ރަށު ފެންވަރުގައި ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން، މާލެ ސިޓީން ކުރިއަށްގެންދާ މަސައްކަތެކެވެ.




