ވިއެޓްނާމްގެ އައްސޭރިފަށަށް ބާރުގަދަ ބުއަލޯއި ތޫފާނު އަރައި، އަށް މީހުން މަރުވެއްޖެއެވެ.
މި ތޫފާނުގައި އަށް މީހުން މަރުވިއިރު، 17 މީހުން ވަނީ ގެއްލިފައެވެ.
މި ތޫފާނުގެ ސަބަބުން ގިނަ ގެތަކަށް ގެއްލުންވެ، ކަރަންޓު ކެނޑި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ވިއެޓްނާމް މޫސުމާ ބެހޭ އެޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި މި ތޫފާނު އެ ގައުމުގެ އުތުރުގެ މެދުތެރޭގެ އައްސޭރިފަށަށް އަރާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ތޫފާނުގައި 8 މީޓަރަށް ރާޅު ބޮޑުވެ، 173 މޭލުގެ ބާރުމިނުގައި ވައި ގަދަވިއެވެ.
މި ތޫފާނުގެ އެންމެ ބޮޑު އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި ނަގޭ އަން، ގުއާން ޓްރީ، ނިން ބިން، ހުއޭ އަދި ތާން ހޯއާ ޕްރޮވިންސްތައް ހިމެނެއެވެ.
ވިއެޓްނާމް ނިއުސް އެޖެންސީން ބުނާ ގޮތުގައި ނިން ބިން ޕްރޮވިންސުން މަރުވި 8 މީހުންގެ އިތުރުން 7 މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ. ހުއޭ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، ތާން ހޯއާ ޕްރޮވިންސުން ވެއްޓުނު ގަހަކުން ޖެހިގެން އެކަކު ވަނީ މަރުވެފައެވެ.
މި ވިއްސާރައިގެ ސަބަބުން 1,400 ހެކްޓަރުގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ދަނޑުތައް މިހާރު ވަނީ ފެނުގެ އަޑީގައެވެ.
ތޫފާނު އެރުމުގެ ކުރިން ސަރުކާރުން ވަނީ 28,500 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި މެދު ސަރަހައްދުގެ ހަތަރު އެއާޕޯޓު ބަންދުކޮށް، 100 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. މިހާރު މި ތޫފާނު ވަނީ ލާއޯސްއާ ދިމާއަށް ދަތުރުކުރަން ފަށައިފައެވެ.
މޫސުމާ ބެހޭ އެޖެންސީން ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ ރޭއިން ފެށިގެން އަންގާރަ ދުވަހާ ހަމައަށް 500 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ސައުތު ޗައިނާ ސީއަށް ހުޅުވިފައިވާ ދިގު އައްސޭރިފަށެއް އޮންނަ ވިއެޓްނާމަކީ ވަރަށް ގިނައިން ތޫފާންތައް އަރާ ގައުމެކެވެ.



