ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޒުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ޑިނަރ ވައުޗަރ ދޭން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވާއިރު މި ވައުޗަރގެ ދަށުން ޙާފިޒާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ބުރުޒު ކޭޓަރިން އިން ޙާފިޒުންނަށް 10% ޑިސްކައުންޓް ލިބޭ ވައުޗަރެއް ދޭން ފަށާފައިވާއިރު މި ވައުޗަރު 30 ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެއެވެ.
ބުރުޒު ކޭޓަރިންގެ މި ނިންމުމާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުންގެ އަދަދު އިތުރުކުރުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެކެވެ.
އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ޙާފިޒުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.



