އައްޑޫ ސީޓީގެ ޝަންގްރި -ލާ މޯލްޑިވްސް ރިޒޯޓު އަލުން ހުޅުވަން ތައްޔާރު ވެއްޖެއެވެ.
ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުކެވެ.
ޓުއަރިޒަމް މިިނިސްޓްރީން މިއަދު ބުނީ ކޮވިޑްއާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީގޮތުން ބަންދުކުރުމަށްފަހު އަދި މިހާތަނަށް އޮޕަރޭޝަން ފަށާފައިނުވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވައި ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ސަރުކާރުން އެ ރިސޯޓު
ހިންގާ ކުންފުންޏާއެކު ކުރި މަޝްވަރާތަކުން މި އަހަރުގެ ނިޔަލަށް ރިސޯޓު ހުޅުވައި ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާއަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރިސޯޓެކެވެ.
އެ ރިސޯޓް ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ރިސޯޓްގައި ވަޒީފާ އަދާކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ އެ ރިސޯޓުގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ
ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ މި އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު ކުރިން ރިސޯޓުގެ ހިންގުން އަލުންފަށައި، ރިސޯޓު ހުޅުވާލުމަށް އެ މިނިސްޓްރީއާއެކު އެއްބަސްވެފައި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ރިސޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއް ކަމަށެވެ.
“ރިސޯޓު ހުޅުވުނު ފަހުން ވަގުތީގޮތުން ހުއްޓާލެވުނު ދުވަހާ ހަމައަށް، ޝަންގްރި-ލާ ވިލިނގިލިން ވަނީ
އައްޑޫ ސިޓީގެ ތަރައްޤީއަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާގެ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު
ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ޤައުމުގެ ހުުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.




