ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް ޔޫއޭއީގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ.
މި ވާހަކަ ނެރެފައި ވަނީ ސެޕްޓެންބަރު މަހުގެ 22އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަރސް ފޯރަމް 2025ގައެވެ.
މި ވާހަކައިގެ އަސްލު ލިޔެފައި ވަނީ އަރަބިބަހުންނެވެ. ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލެވެ. ”މަލްދީފިއްޔަން ޖަޒީރަތުއްނޫރު“ މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމަށް ވެދުން ކުރައްވަމުން ނޫރާ ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއް ކަމަށެވެ.
އަދި މި ފޮތް ނެރެ ދިވެހި ރާއްޖޭގެ މިނިސްޓަރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށްޓަކައި ވަރަށް އުފާކުރައްވާކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް ދެއްވާފައެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) އަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާގެ އުފަންދުވަސް މިފަހަރު ފާހަގަވެގެން ގޮސްފައި މި ވަނީ މި ވަރަށް ޚާއްޞަ ގޮތަކަށެވެ. ޝާރުޖާގައި އުފަންދުވަހު ހުރި ނަމަވެސް، އޭނާގެ ހިތާއި ޚިޔާލު ހުރީ ދިވެހިރާއްޖެ، ނުވަތަ ޖަޒީރަތުއްނޫރުގައެވެ.
ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފައެވެ.



