އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ފާހިޝް އަމަލުތައް ހުއްޓުވުމުގެ ނަމުގައި މުޅި ގައުމުގެ މުއާސަލާތީ ހިދުމަތްތައް ކަނޑާލައިފިއެވެ.
އިންޓަނެޓް ވޮޗްޑޯގް ނެޓްބްލޮކްސްއިން ބުނާ ގޮތުގައި މި ވަގުތު އަފްޣާނިސްތާނުގައި އިންޓަނެޓްގެ ކަނެކްޓިވިޓީ ލިބެނީ ކުރިން ހުރި އާންމު މިންގަނޑާ އަޅާބަލާއިރު އެއް ޕަސެންޓަށްވުރެ ވެސް ދަށް މިންވަރެއްގައެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި މުއާސަލާތީ ހުރިހާ ހިދުމަތެއް ވަނީ ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލަން ނިންމާފައެވެ. އަދި މިރޭން ފެށިގެން މަޑުމަޑުން މި ނިންމުން ތަންފީޒުކުރަމުން ގެންގޮސް އެކަން ފުރިހަމަކުރާނެ ކަމަށް އެ އޮފިޝަލް ބުންޏެވެ.
ވެރިރަށް ކާބުލްގައި ހުންނަ އޭއެފްޕީގެ ބިއުރޯއާ ވެސް އިއްޔެ ހަވީރު 5:45 ޖީއެމްޓީން މެންދުރު ފަހު 1:15 އިން ފެށިގެން ވަނީ ގުޅުން ކެނޑިފައެވެ.
ބަލްޚް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ބުނި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް ވަނީ އެއްކޮށް މަނާކޮށްފައެވެ.
”މިއީ ފާހިޝް އަމަލުތައް ހުއްޓުވަން އެޅި ފިޔަވަޅެއް. ހިދުމަތް ދިނުމަށް އެހެން ގޮތެއް ހޯދައި މުޅި ގައުމަށް އަލުން ހިދުމަތް ލިބޭ ގޮތް ހަދާނެ،“ އޭނާ ބުންޏެވެ.
އަފްޣާނިސްތާނުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފައިވީ ނަމަވެސް، ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ ގިނަ ކަންކަން ބަދަލުކޮށްފައެވެ.


