އިންޑޮނީޝިއާގެ އީސްޓް ޖާވާގައި ހުރި އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލް ވެއްޓި، ތިން މީހަކު މަރުވެ، 99 މީހަކު ޒަހަމްވެގެން ފަރުވާ ދެމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ވަރަށް ސީރިއަސްއެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ހާދިސާގައި ވެއްޓުނު އިމާރާތުގެ ދަށުގައި އަދިވެސް ދަރިވަރުންތަކެއް ތާށިވެފައި ތިބި ކަމަށް ބެލެވޭތީ، އެ ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.
އިންޑޮނީޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އިދާރާއިން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ދެ ބުރީގެ އިމާރާތަށް އިތުރު ދެ ފަންގިފިލާ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. އިމާރާތް ވެއްޓުނު މައިގަނޑު ސަބަބަކީ އިމާރާތުގެ ބިންގަލަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ލޯޑެއް އަރާފައިވުން ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލަކީ އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިން ކިޔަވާ ސްކޫލެކެވެ.




