ވޭތުވެދިޔަ އަހަރުތަކުގައި ވެމްކޯގެ އެތެރޭގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުނު ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަޙުޤީޤު ކުރުމަށް ކަމާބެހޭ ތިން އިދާރާއަކަށް ވެމްކޯއިން ހުށަހަޅައިފިއެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެތެރޭގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރޭގައި މާލިއްޔަތު ގަވާއިދާ ޚިލާފު ޢަމަލުތަކާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ އެކި ކަންކަން ހިމެނެއެވެ.
މި ރިޕޯޓުތަކުގައި ފާހަގަކުރެވިފައިވާ މައްސަލަތަކަކީ ކުރީގެ މެނޭޖްމަންޓްތަކުގެ ދައުރުގައި ހިނގާފައިވާ ކަންކަން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މި މައްސަލަތައް ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށެވެ. އަދި މި އިދާރާތަކުން އެދިފައިވާ އިތުރު މަޢުލޫމާތުތައްވެސް ވެމްކޯއިން ފޯރުކޮށްދީ، ފުރިހަމަ އެއްބާރުލުން ދީފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
2016 ވަނަ އަހަރު އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ، ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެ މައްސަލަތައް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި މިފަދަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މި މައްސަލަތައް ހާމަކުރީ، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ތެރެއިންވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.
އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ ދައުރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.



