އިސްރާއީލުގެ ހަމަލާގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ޣައްޒާއަށް އެހީ ފޯރުކޮށްދޭން މަސައްކަތްކުރާ ބައިނަލްއަގްވާމީ ފްލޮޓިލާއަށް ސަލާމަތްތެރިކަން ފޯރުކޮށްދެމުން އައި އިޓަލީގެ ކަނޑުގެ ސިފައިންގެ އުޅަނދު އެ ފްލޯޓިލާއާ ވަކިވާން ނިންމައިފިއެވެ.
އިޓަލީގެ ޑިފެންސް މިނިސްޓްރީން މިކަން އިއުލާނުކޮށްފައިވަނީ ފްލޯޓިލާ ޣައްޒާއާ 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ގެ ދުރުމިނަށް ދިއުމުންނެވެ.
މި ފްލޯޓިލާގައި 40 އަށް ވުރެ ގިނަ އުޅަނދު ހިމެނެއެވެ.
”ގްލޯބަލް ސުމޫދު ފްލޮޓިލާ“ ގެ ނަމުގައި ކުރިއަށްދާ މި މަސައްކަތުގައި ސްވިޑެންގެ މޫސުމާ ބެހޭ ކެމްޕޭނަރު ގްރެޓާ ތަންބަރގްގެ އިތުރުން ޕާލަމެންޓްރީންނާއި ގާނޫނީ ވަކީލުންނާއި އެކްޓިވިސްޓުން ބައިވެރިވެއެވެ.
މި ފްލޯޓިލާގެ މައިގަނޑު އަމާޒަކީ ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލުން ކުރި ހިސާރު މުގުރާލުމެވެ.
އިޓަލީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ފްލޯޓިލާ 150 ނޯޓިކަލް މޭލުގެ ސަރަހައްދަށް ވާސިލްވުމުން އެ ގައުމުގެ އުޅަނދު ވަކިވާނެކަން ފާއިތުވި ދުވަސްތަކުގައި އެތައް ފަހަރަކު ފްލޯޓިލާގެ ހިންގުންތެރިންނަށް އަންގާފައިވެއެވެ. އަދި ވަކިވުމުގެ ކުރިން އެކްޓިވިސްޓުންނަށް ދެ އިންޒާރެއް ދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފްލޮޓިލާގެ އިޓަލީގެ ތަރުޖަމާނު މާރިއާ އެލީނާ ޑެލިއާ ވަނީ އިސްރާއީލާއެކު ”ޑިޕްލޮމެޓިކް ހާދިސާއެއް“ހިނގައިފާނެތީ އިޓަލީގެ ކަނޑުގެ ސިފައިންގެ އުޅަނދު އަނބުރާ އެ ގައުމަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައެވެ.
ނަމަވެސް ފަޅުތެރެއާ ކައިރި ނުވުމަށް އިޓަލީން ދޭ އިންޒާރުތަކަށް ބޯލަނބަން އެކްޓިވިސްޓުންގެ ވިސްނުމެއް ނެތްކަމަށް އޭނާ ބުނެފައިވެއެވެ.
ގްރީސްގެ ކަނޑުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ފްލޯޓިލާއަށް ހަމަލާ އަމާޒުވި ނަމަވެސް އަސްކަރީ ގޮތުން ހަރަކާތްތެރިވުމުގެ އެއްވެސް ވިސްނުމެއް ނެތި ފްލޮޓިލާއަށް އެހީތެރިވުމަށް މިދިޔަ ހަފްތާގައި އިޓަލީ އާއި ސްޕެއިނުން ވަނީ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް އެ ފްލޯޓިލާ އަށް ފޮނުވާފައެވެ.




