ތ. އަތޮޅުގައި ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތުގެ އަގުތައް އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކުގެ ތަފްސީލީ ލިސްޓު އާންމުކޮށްފައެެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އަގުތަކާއެކު، އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން، ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރުތައް ކުރިއަށްގެންދާނީ އަގު ނަގައިގެން ކަމަށެވެ.
މިގޮތުން، 2025 އޮކްޓޫބަރު 01 ވާ ބުދަ ދުވަހުން ފެށިގެން، އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“އާރްޓީއެލް ފެރީގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރަމުންދާ ހިލޭ ދަތުރުތައް، 2025 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ“ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެއަށްފަހު، 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުން ފެށިގެން ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރު ކުރާނީ ކަނޑައެޅިފައިވާ އަގުތަކަށް ފައިސާ ނަގައިގެން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޓްރާންްސްޕޯޓް މިނިސްޓްރީން ވަނީ މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްމަށް އެދިފައެވެ.



