އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މި ޕޯސްޓުގައި، ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުމަށާއި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުމަކީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތު ކަމުގައި ވިދާޅުވިއެވެ.
“އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް. އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖު ނިންމަވާލެއްވީ ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލެއްވުންއެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ ދުވަހެވެ.
މިއަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ޝިޢާރަކީ ”ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން: އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް“ މިއެވެ.


