ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ފިލިޕީންސްގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، ދިވެހި ރައްޔިތުން ތިބީ، މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ.
ފިލިޕީންސަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ އޮތީ ފިލިޕީންސާ އެކުގައިކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ފިލިޕީންސްގެ ރަށެއް ކަމަށްވާ ސީބޫގެ އައްސޭރިފަށަށް، އަންގާރަ ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އަދި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާއިރު، އެ ސަރަޙައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިޘާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.



