ކުރީ ސަރުކާރުގެ ވެރިކަމުން ފެށިގެން ފައިސާނުދީ ހުރި ބިލުތަކަށް ފަސް ހަފްތާ ތެރޭގައި ފައިސާ އެއްކޮށް ދައްކާ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެެއްވި ޕޯސްޓުގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އެ މަނިކުފާނުގެ ސަރުކާރުން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭކަމަށެވެ.
އެގޮތުން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
“ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.




