ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިިނިސްޓްރީން ބުނީ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހު ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.
މިނިސްޓްރީން ބުނީ މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްވާ ފަރާތްތަކަށް ކަމަށެވެ.
މި އެވޯޑުތަކަށް ކުރިމަތިލާ ފަރަތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:
މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅަކަށް ވުމާއި، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅަކަށްވުމުގެ އިތުރުން، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔަކަށް ވާންޖެހެއެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު 23 އޮކްޓުބަރުގެ 14:00ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން އެ އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެ ކަމަށެވެ.




