އެމްޑީޕީން މިރޭ މާލޭގައި ބާއްވަން ނިންމާފައިވާ މުޒާހަރާއަކީ ގައުމު ފިތުނަ ކުރުމުގެ ބޭނުމުގައި ބާއްވާ މުޒާހަރާއެއް ކަމަށާއި، އެ މުޒާހަރާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މިއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށާއި، މިއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. އަދި މި މުޒާހަރާ އަކީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ކުރަން ޖެހިފައިވާ މައިގަނޑު މަސައްކަތަކީ އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުމެވެ.
”މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ، ބާކީ މުސާރަތައްވެސް އެދެއްވަނީ އެގޮތް މިގޮތް ހޯދައިގެން،“. ގާސިމް ވިދާޅުވިއެވެ.
އިސްވެދިޔަ ތިން ސަރުކާރުންވެސް، ސަރުކާރުގެ ކުންފުނިތަކުންވެސް ބޮޑެތި ޚިޔާނަތް ވެފައި އެބަހުރި ނަމަވެސް، އެޅީ ކޮން ފިޔަވަޅެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ. އެ ސަރުކާރުތަކުން އެއްކަމެއްވެސް ނުކުރައްވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، އެއާ ހިލާފަށް އެކަން ކުރާ ކަމަށް ތުުހުމަތު ކުރާ މީހުން، އެތަންތަނުން ވަކި ކުރަމުންގެންދަވާ ތަން ފެންނަމުންދާ ކަަމަށެވެ.
އަދި އެބާވަތުގެ ހިޔާނާތް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްފަށުން އެންމެންނަށް ފާޅުކަން ބޮޑުކޮށް ނަސޭހަތްތެރިވެ، އިންޒާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިއީ މުޅި ގައުމު އިދަ ޖައްސަން ކުރާ ކަމެއް ކަމށާއި، އެއީ އެއްވެސް މީހަކަށްވެސް އަދި ބަޔަކަށްވެސް އޮތް ބާރެއް ނޫން ކަމަށެވެ. އަދި މިއީ ދީނީ ގޮތުން ވެސް އޮތް ގޮތް، އަދި ގާނޫނީ ހަމަވެސް އޮތް ގޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.
”މުޒާހަރާ އަށް ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިދަ ޖައްސާލުން ނޫންބާ؟“ ގާސިމް ސުވާލު ކުރެއްވިއެވެ.
އަދި އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުމަށާއި، ގައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ.




