އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން މާލޭގެ އާޓިފިޝަލް ބީޗުގައި ފެށި މުޒާހަރާއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ އެއްވުން ކުރިއަށް ގެންދިޔައީ ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް ކަމަށާއި މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދިން ނަމަވެސް، އެއްވުމުގެ ބައިވެރިން އެކަމަށް އިޖާބަދީފައިނުވާ ކަމަށެވެ.
އަދި އެއްވުމުގެ ތެރޭގައި ބައެއް ފަރާތްތަކުން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ބަޔާނުގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން މި ހާދިސާއާ ގުޅިގެން، މިފަދަ އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ނެރުނު އެ ބަޔާނުގައި ވަނީ އިންޒާރުދީފައެވެ.
އަދި ހަމައެއާއެކު، އެ ބަޔާނުގައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.
އެ އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެއެވެ.
އެ ޕާޓީގެ ލީޑަޝިޕްގެ އިސްވެރިންވެސް ބައިވެރިވި އެ މުޒާހަރާގައި އެ އެއްވުން ކުރިއަށްގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވެފައިވާގޮތާ ޚިލާފުވެ އެއްވުމުގެ ބައިވެރިން މަޖީދީމަގާ ދިމާލަށް ނިކުމެ ފުލުހުންނާ ކުރިމަތިލާފައިވާއިރު، ފުލުހުން އަމަލު ކުރަމުންދަނީ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުން މަގު ބަންދުކުރަން ބަހައްޓާފައި ހުރި ބައެއް ބެރިކޭޑްތައް ފޫއަޅުވާލައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ޒިންމާތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންނެވެ.




