ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.ހަނިމާދޫގައި ފަށައިފިއެވެ.
މިއީ މި ޚިދުމަތް ފެށުނު ރާއްޖޭގެ 34 ވަނަ ރަށެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މި ޚިދުމަތް ހަނިމާދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށާއި، ޚިދުމަތް އަވަސްވެ ހަރުދަނާވެގެންދާނެ ކަމަށް އިމިގްރޭޝްނުން ފާހަގަކޮށްފައިވެއެވެ.
މި ޚިދުމަތް ހަނިމާދޫގައި ފެށިފައިވަނީ މިއަހަރުގެ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތުމުން، އެ އެދުމަށް އިޖާބަދެއްވައި 39 ދުވަހުގެ ތެރޭގައެވެ.
އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި ފަށާފައިވާ އިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެއިތުރުން، ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.



