ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ އާ ލީޑަރުކަމަށް ސަނައެ ތަކައިޗީ ހޮވިވަޑައިގަތުމާއެކު، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު އައްޔަނުކުރުމާ ހަމައަށް ގޮސްފިއެވެ.
އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ ލީޑަރުކަމަށް ހޮވިވަޑައިގެންފައިވަނީ މިހާރުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބޮޑުވަޒީރުކަމަށް ތަކައިޗީ އައްޔަނުކުރުމާމެދު ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި މި މަހުގެ 15 ވަނަ ދުވަހު ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.
ތަކައިޗީ ވަނީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އައު ސިޔާސަތުތަކެއް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ޚަރަދުތައް އިތުރުކުރުމާއި، އިންޓަރެސްޓް ރޭޓް ދަށްކޮށް، އިޤްތިޞާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރުން ހިމެނެއެވެ.
”މިވަގުތުގެ އިޤްތިޞާދީ ހާލަތަށް ބަލައި، މާލިއްޔަތާ ގުޅޭ ކޮންމެ ނިންމުމެއްގައި ވިސްނުންތެރިކަން އިސްކުރަންޖެހޭ“ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޝިބާ އިސްތިއުފާ ދެއްވާފައިވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލި، ރައްޔިތުން ސަރުކާރާމެދު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ހާލަތުގައި، ތަކައިޗީގެ އިޤްތިޞާދީ ސިޔާސަތުތަކަށް ގިނަ ފަރާތްތަކުން ތާއީދު ލިބޭނެކަމަށް ބެލެވެއެވެ.
އިޤްތިޞާދުގެ އިތުރުން، ޖަޕާނުގައި އިތުރުވަމުންދާ ބިދޭސީންގެ އަދަދު ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަކީވެސް ތަކައިޗީގެ މައިގަނޑު އެއް އަމާޒެވެ.
ޤާނޫނު ހަދާ މަޖިލީހުގައި އެލްޑީޕީގެ އަޣުލަބިއްޔަތު އޮތުމާއެކު، ތަކައިޗީ ބޮޑުވަޒީރުކަމަށް އައްޔަނުކުރުމަށް މާބޮޑު ހުރަހެއް ނެތްކަމަށް ސިޔާސީ މާހިރުން ލަފާކުރެއެވެ.



