އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ މީހަކަށް ޖެހުނު ހާޓް އެޓޭކަކީ ޕެޕާ ސްޕްރޭގެ ސަބަބުން ޖެހުނު ހާޓް އެެޓޭކެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންނެވެ.
”ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާލަން އުނދަގޫވެ، ކެއްސުން ފަދަ ސްޓްރެސް ރެސްޕޮންސްތައް އާދެވިދާނެ ނަމަވެސް، ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން،“ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ހާލަތްތައް އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އައިޖީއެމްއެޗް އިން ބުނިގޮތުގައި، ހާޓް އެޓޭކް ޖެހުނު އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންގެ ހާލު މިހާރު ވަނީ ރަނގަޅުވެފައެވެ. އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ސީސީޔޫއަށް ބަދަލުކޮށްފައެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ސުލްހަވެރި އެއްވުމެއް ކަމުގައި ބުނި ނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ހުސްފުޅި އުކާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، އަމުރަށް ނުކިޔަމަންތެރިވެ، މާލެ ތެރެ ހަލަބޮލިކޮށްލި އެ އެއްވުން ރޭވުމުގައި ހިމެނޭ އެންމެންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.



