ޅ. ނައިފަރުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބުނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ޅ. ނައިފަރުގައި ރޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
އަދި ޅ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ ގެ ގޮތުގައި ޅ. ނައިފަރު ޚިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް މިއަމާޒަށް ވުރެ އަވަހަށް މިއަންނަ އޮކްޓޯބަރ ނިޔަލަށް މި ޚިދުމަތް ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




