ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސަލަންސީ މުހައްމަދު ރިޒްވީ ހަސަން، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
ރަސްމިއްޔާތުގެ ކުރިން، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައެވެ. މި ދަތުރުފުޅުގައި ބެރުދުންމާރިތާޅަފިލީގެ އިތުރުން ހެވިކަމުގެ ލަޝްކަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން، ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކާމެދު މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



