ދިވެހިބަހުގެ އެކެޑަމީ ހިންގަމުން އަންނަ އިމާރާތް އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން ފަށައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީ ޒަމާނީ ފެންވަރަށް މި އަހަރުތެރޭ މަރާމާތުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު ވިދާޅުވީ 14 މެއި 2025ގައި ދިވެހި ބަހުގެ އެކަޑެމީއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އެކަޑެމީގެ މުވައްޒަފުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކެޑަމީގެ އިމާރާތުގައި މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ވާރޭ ހިޔާނުވުމާއި، ބިތްތަކުން ކެމިކަލް ފާއްދަމުންދިއުމާއި، ކަރަންޓުގެ މައްސަލަތަކާއި، ފަންގިފިލާ ވެއްޓިފައިވުން ފަދަ ގިނަ މައްސަލަތަކެއް ހިމެނެއެވެ.
މި މައްސަލަތަކުގެ ސަބަބުން މުވައްޒަފުންގެ ޞިއްޙީ ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
2011 ވަނަ އަހަރު އުފެދުނު މި މުއައްސަސާއަކީ ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށް އުފެދިފައިވާ މުހިންމު މަރުކަޒެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާ ސަމާލުކަމެއް ނުލިބުމުގެ ސަބަބުން އިމާރާތުގެ ހާލަތު ވަނީ ދަށްވެފައެވެ.
މިނިސްޓްރީން ބުނިގޮތުގައި ދިވެހިބަހުގެ އެކެޑަމީ މަރާމާތުކުރުމުގެ މަސައްކަތް 1 ޑިސެންބަރު 2025އަށް ނިމޭނެއެވެ.




