ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދެން ނުލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، 1 ސެޕްޓެމްބަރު 2024ގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، އިމިގްރޭޝަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދެއެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ނަމަވެސް، ފާއިތުވެދިޔަ މުއްދަތުގައި ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ދެން ނުދޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68،000 ވަޒީފާދޭ ފަރާތް ރަޖިސްޓްރީވެފައިވާއިރު، ގަވައިދުން ފީތައް ދައްކަމުން ދަނީ އެންމެ 7،900 އެއްހާ ފަރާތުންނެވެ. އަދި ބިދޭސީންނާ ގުޅޭ ފީތައް ނުދެއްކުމުގެ ސަބަބުން 8،000 އަށްވުރެ ގިނަ ފަރާތް ވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރެވިފައެވެ.
މިހާތަނަށް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަނީ ހޯދިފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ މިހާތަނަށް ރާއްޖޭގައި ދިރިއުޅެމުންދާ 177،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގި، ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.



