ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 67،139 އަށް އަރައިފިއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 65 މީހުން ވަނީ ޝަހީދުވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ޝަހީދުވި ދެ މީހުންނާއެކުގައެވެ. އަދި މި މުއްދަތުގެ ތެރޭގައި 153 މީހުން ވަނީ އެކި ވަރުވަރުގެ އަނިޔާތަކާ ކުރިމަތިލާންޖެހިފައެވެ.
ހަނގުރާމައިގެ ސަބަބުން މިހާތަނަށް 169،583 މީހުންނަށް ވަނީ އެކި ވަރުވަރުގެ އަނިޔާތައް ލިބިފައެވެ. ސިއްހީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި ގިނަ އަދަދެއްގެ މީހުން އަދިވެސް ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އަދި އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސް ކްރޫތަކަށް އެ މީހުންނާ ހަމައަށް ދިއުމަށް ދަތިތަކާ ކުރިމަތިވަމުންދެއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި ކާނާ ނުލިބުމުގެ ސަބަބުން މިހާތަނަށް 460 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 154 ކުޑަކުދިން ހިމެނެއެވެ.
އަދި އދ. އިން ތާއީދުކުރާ ގްލޯބަލް ހަންގަރ މޮނިޓަރުން އޮގަސްޓް މަހު ޣައްޒާގައި ބަނޑުހައިހޫނުކަން ރަސްމީކޮށް އިއުލާންކުރި ފަހުން މަލްނިއުޓްރިޝަންގެ ސަބަބުން 182 މީހުން ވަނީ ޝަހީދުވެފައެވެ.


