ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
އެ މަޝްވަރާތައް ފަށާފައި ވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިންނެވެ.
އެ މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ މި ޤާނޫނަށް ބަދަލުތައް ގެންނައިރު އެންމެބޮޑު އިސްކަމެއްދޭނީ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ޤާނޫނު ހަރުދަނާކުރުމަށް ކަމަށެވެ.
”މި ޤާނޫނޫގެ އެންމެ ބޮޑު ބޭނުމަކީ ޤާނޫނުގެ ދަށުން ތައުލީމު ދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މުވައްޒަފުންނަށް އެ މަސައްކަތް ކުރާ މާހައުލަކީ އަމާން ރައްކާތެރި ތަނަކަށް ހެދުން“ ޒުހުރުބާން ވިދާޅުވިއެވެ.
ޒުހުރުބާން ވިދާޅުވީ އުންމީދުކުރަނީ އެންމެ ގުޅިގެން ފެށި މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވި މުވައްޒަފުން މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަނަކަށް ވެގެންދިޔުން ކަމަށެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
ފިޔަވަޅެއްގެ ގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށްފަހު އެ އަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގަން ޖެހޭނެއެވެ.



