ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ މަޤްޞަދުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތުން ޖުމްލަ 2،122.7 ކިލޯގެ ކުނި ނަގައިފިއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ޓުއަރިޒަމް މިނިސްޓްރީއާ އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ ”ކޯސްޓަލް ކްލީނަޕް“ ހަރަކާތަށް ވަނީ ފާހަގަކުރެވޭ ވަރުގެ ތަރުހީބެއް ލިބިފައެވެ.
އެޗްޑީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހަރަކާތުން ނެގުނު ކުނީގެ ތެރޭގައި 252.7 ކިލޯގެ ރީސައިކަލް ކުރެވޭ ޕްލާސްޓިކާއި، 115 ކިލޯގެ އެހެނިހެން ޕްލާސްޓިކް، 63 ކިލޯގެ ދަގަނޑު، 52 ކިލޯގެ ފުޅިތޮށި އަދި 1،640.2 ކިލޯގެ އެހެނިހެން ބާވަތުގެ ކުނި ހިމެނެއެވެ.

މި ހަރަކާތް ކުރިއަށް ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އަދި މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ވަނީ ސާފުކުރެވިފައެވެ.




