ވޮކޭޝަނަލް ތަޢުލީމުގެ 50 އަހަރުގެ ދަތުރު ދައްކުވައިދޭ ފޮޓޯ މައުރަޒު ހުޅުވައިފިއެވެ.
އެ މައުރަޒު ހުޅުވާފައި ވަނީ ރާއްޖޭގައި ވޮކޭޝަނަލް ތަޢުލީމު ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
އެ ފޮޓޯ މައުރަޒު ކުރިއަށްގެންދަނީ ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ނަމުގައެވެ.
ޕޮލިޓެކްނިކުން ކުރިއަށްގެންދާ އެ ފޮޓޯ މައުރަޒު ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފުއެވެ.
ސިފްކޯ ޕާޓީ ހޯލުގައި ކުރިއަށްދާ އެ މައުރަޒު މިރޭގެ 10:00އާއި ހަމައަށް ހުޅުވާފައި ހުންނައިރު މާދަމާ ހެނދުނު 10:00އިން އިރުއޮއްސި 06:00އަށް ކުރިއަށްދާނެއެވެ.
އެ ފޮޓޯ މައުރަޒުގައި 150އަށްވުރެ ގިނަ ފޮޓޯ ވަނީ ބަހައްޓާފައެވެ. އަދި 200 ފޮޓޯ ހިމެނޭހެން ޑިޖިޓަލް ގެލަރީއެއްވެސް ވަނީ ލޯންޗްކޮށްފައެވެ.
މި ފޮޓޯ މައުރަޒުގައި ވަނީ ޕޮލިޓެކްނިކްގައި އެންމެ ކުރިއްސުރެ ކުރިއަށްގެންދިޔަ އެކިއެކި ކޯސްތަކާއި ހިންގާފައިވާ ޕްރޮގްރާމްތަކާއި އެކި ޚާއްސަ ދުވަސްތަކުގެ ހަނދާނީ ފޮޓޯތައް ބަހައްޓާފައެވެ.
މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު އަޙުމަދާއި، ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންގެ އިތުރުން ޕޮލިޓެކްނިކްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
ރާއްޖޭގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަކާއެކު، މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭން ފެށީ 1975ވަނަ އަހަރުއެވެ.



