އަރިއަތޮޅު ދެކުނުބުރީ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކަންކަމަށް ރިޢާޔަތްކުރައްވައި، ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރަށާ ކައިރި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފައެވެ.
އެ ރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުޞޫލެއްގެ ދަށުން ހަންޏާމީދޫއާއި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެރަށް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރަށުގެ ގޮނޑުދޮށްހިމާޔަތް ކުރުމުގެ މަޝްރޫޢާއި ދޯނި އެހެލާ ސަރަހައްދެއް ޤާއިމްކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ދާދިއަވަހަށް، އެއް މަޝްރޫޢެއްގެ ގޮތުގައި ފެށިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މި އަހަރު އަމަލީ މަސައްކަތް ފެށިފައިނުވާ، މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ހަންޏާމީދޫގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.



