ބަންގްލަދޭޝްގައި މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޑެންގީ ބަލި ފެތުރެމުންދާ މިންވަރު އެތަކެއް ގުނައަކަށް އިތުރުވެއްޖެއެވެ.
ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް (ޑީޖީއެޗްއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 50,689 މީހުންނަށް މި ބަލި ޖެހި، 215 މީހުން ވަނީ މަރުވެފައެވެ.
ޖަހަންގީރްނޯގޫރް ޔުނިވަރސިޓީގެ ޕްރޮފެސަރ ކޮބީރުލް ބަޝާރު ވިދާޅުވި ގޮތުގައި ސެޕްޓެންބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި މަދިރި އާލާވެފައިވާ މިންވަރު ވަނީ ކުއްލިއަކަށް އިތުރުވެފައެވެ.
”ވަގުތުންވަގުތަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކޮންޓުރޯލު ނުކުރެވޭ މިންވަރަކަށް ހާލަތު ބަދަލުވެގެން ހިނގައިދާނެ،“ އޭނާ ވިދާޅުވިއެވެ.
މަދިރި އާލާވުން އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ވާރޭވެހޭ މިންވަރު ބަދަލުވުމުގެ އިތުރުން ޗުއްޓީ ދުވަސްވަރާއި ސަރުކާރުގެ ހިންގުން ދޯދިޔާވުން ހިމެނެއެވެ. މީގެ އިތުރުން، މަދިރި ކޮންޓުރޯލު ކުރުމަށް ހިންގާ ކެމްޕޭންތަކަށް ވެސް އެކި ގޮތްގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ޕްރޮފެސަރ ބަޝާރު ފާހަގަކުރެއްވިއެވެ.
ކުރީގައި ޑެންގީ އެންމެ ބޮޑަށް ފެތުރެމުން ދިޔައީ ބަންގްލަދޭޝްގެ އާބާދީ ބޮޑެތި ރަށްތަކުގައި ކަމުގައިވީ ނަމަވެސް، މިހާރު ރަށްފުށު ސަރަޙައްދުތަކުގައި ވެސް މި ބަލި ދަނީ ޢާންމުވަމުންނެވެ.
އަދި ޑެންގީގެ އިތުރުން ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ އެހެން ބަލިތައް ވެސް ފެތުރެމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.



