މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ވެމްކޯއާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ. ގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަހިބަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލްއެވެ. އަދި މަހިބަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ރަޝާދު އަލީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ. ގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް މިއަދު ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.



