އެއްވެސް ހުކުމެއް ކުރަން ސަރުކާރުން ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކު އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށް ވެސް. އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކޮށް ކުރިއަށްގެންދާށޭ. އަދުލުވެރިކޮށް ކުރިއަށްގެންދާށޭ. ސަރުކާރުން ކަންކަން ފެސިލިޓޭޓްކޮށްދޭނަމޭ،“ ރައީސް ވިދާޅުވި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތެރެއަށް ހުރިހާ ބާރެއް ގެންގޮސް ކޯޓުތަކުގައި ތަޅު އަޅުވާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށްފަހު، ކޯޓުތަކަށް ހަގީގަތުގައި ދޭންޖެހޭ ބާރުތައް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވަމުން، ރައީސް ވަނީ އަންނަ އަހަރު ޖުޑިޝަރީއަށް ދޭ ބަޖެޓް ވެސް ބޮޑުކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
މިގޮތުން މިއަހަރުގެ ބަޖެޓުގައި ޖުޑިޝަރީއަށް ކަނޑައަޅާފައިވާ 560 މިލިއަން ރުފިޔާ، އަންނަ އަހަރު 660 މިލިއަން ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޖުޑިޝަރީއަކީ މިނިވަންކަމާއެކު ފުރިހަމައަށް ހިނގާ ބާރަކަށް ހެދުން ކަމަށާއި، މިކަމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.




