ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ކުއްރާމް ސަރަޙައްދުގައި އަސްކަރީ ޤާފިލާއަކަށް ހަނގުރާމަވެރި ޖަމާޢަތަކުން ދިން ޙަމަލާއެއްގައި 11 ސިފައިންގެ މީހުން މަރުވެއްޖެއެވެ.
މި ހަމަލާގެ ޒިންމާ ޕާކިސްތާނީ ޠާލިބާނުން ވަނީ ނަގާފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އަސްކަރީ ޤާފިލާއަކަށް ބޮމެއް ގޮއްވާލުމަށްފަހު ބަޑިން ވެސް ޙަމަލާ ދީގެންނެވެ.
މި ހަމަލާއާ ގުޅިގެން ހިންގުނު އޮޕަރޭޝަންގައި ޠާލިބާނުގެ 19 ހަނގުރާމަވެރިން ވަނީ މަރާލެވިފައެވެ.
މި ހަމަލާ ދިނީ، 2021 ވަނަ އަހަރު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ހިނގަން ފެށުމަށްފަހު، އެ ސަރަޙައްދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގައި ޠާލިބާނުން ވެރިކަމާ ހަވާލުވުމަށްފަހު، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޕާކިސްތާނީ ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ޕާކިސްތާނުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނީ ޠާލިބާނުން މިހާރު ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ.
އަދި އެ ޖަމާޢަތަށް އިންޑިޔާއާއި އަފްޣާނިސްތާނުގެ ޠާލިބާނުންގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވެސް ޕާކިސްތާނުން ދެކެއެވެ. ނަމަވެސް މި ތުހުމަތުތައް އިންޑިޔާ އާއި އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.




