ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް އިސްރާއީލުގެ ކެބިނެޓުން ރުހުން ދީ ސޮއިކޮށްފިއެވެ.
މި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާއަށް ހަމާސް އާއި އިސްރާއީލުން މިދިޔަ ބުދަ ދުވަހު އެއްބަސްވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އިސްރާއީލުން ގާޒާގައި ހިންގަމުންދާ ހުރިހާ އަސްކަރީ އޮޕަރޭޝަންތަކެއް ނިމުމަކަށް ގެންނަންޖެހޭނެ ކަމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެއްބަސްވުމުގެ މުހިންމު ބައެއްގެ ގޮތުގައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުންނާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން މިނިވަންކުރުމަށް ވަނީ ހަމަޖެހިފައެވެ.
”އަސީރުން މިނިވަންކުރުމުގެ މަސައްކަތް އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު ކުރިއަށްދާނެ ކަމަށް ބެލެވޭ.“ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެއްބަސްވުމުގެ ދަށުން، ގާޒާގައި ތިބި އިސްރާއީލުގެ ސިފައިން، ދެ ފަރާތުން އެއްބަސްވާ ހިސާބަކަށް ފަހަތަށް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އިސްރާއީލުގެ ކެބިނެޓުން ސުލްހައިގެ ޕްލޭނާމެދު ގޮތެއް ނިންމުމަށް ބައްދަލުވުން ބާއްވަމުންދިޔައިރުވެސް، އިސްރާއީލު ސިފައިން ދިޔައީ ހުއްޓުމެއްނެތި ގާޒާއަށް ހަމަލާތައް ދެމުންނެވެ.
ހަމަލާ ހުއްޓައިލުމާ ގުޅޭ އެއްބަސްވުން ޤާއިމްކުރެވުނު ޚަބަރު ގާޒާއަށް ފޯރުމާއެކު މުޅި ސަރަހައްދުގައި ވަނީ އުފާވެރިކަން ފެތުރިފައެވެ. ދެ އަހަރު ވަންދެން ޔަހޫދީންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލައި، ބަނޑުހައިހޫނުކަމާއި ބިރުވެރިކަންމަތީ ދުވަސްތައް ހޭދަކުރަމުން ދިޔަ ގާޒާގެ ރައްޔިތުން މިހާރު ތިބީ ލޭއޮހޮރުވުންތަކާއި ހިތްދަތިކަން ނިމުމަކަށް އަންނާނެ ކަމުގެ ފޮނި އުންމީދުގައެވެ.



