ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތައް ހުއްޓާލަން އިސްރާއީލުން އެއްބަސްވިޔަސް، އިސްރާއީލުން އައްޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި އެއްބަސްވުމަކީ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު އުއްމީދެއް ކަމަށާއި، އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުން އައި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއްގެ ގޮތުގައި މި އެއްބަސްވުން ސިފަކުރެވޭ ކަމަށެވެ.
އެހެންނަމަވެސް، މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރުމަށް ވެފައިވާ އެއްބަސްވުންތަކާއި އިސްރާއީލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް، މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމައަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީނުގައި ހިންގަމުންދާ ބަނޑަށްޖެއްސުމާއި މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައި ވަނީ އަމުރުއެއް ނެރެފައެވެ.



