އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މޮނިޓާ ކުރުމަށްޓަކައި އެމެރިކާގެ 200 ސިފައިން އިސްރާއީލުގައި ހަރަކާތްތެރިވާނެ ކަމަށް އެމެރިކާގެ ޕެންޓަގަނުން މިއަދު ހާމަކޮށްފިއެވެ.
ޕެންޓަގަނުގެ އިސް އޮފިޝަލަކު އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމެރިކާގެ ސިފައިން އިސްރާއީލުގައި ޖޮއިންޓް ޓާސްކް ފޯހެއް އެކުލަވާލައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އިސްރާއީލާއި ހަމާސް ޖަމާއަތުން ކުރަމުން އައި ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވަނީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށެވެ. މި އެއްބަސްވުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސްކޮށްފައިވަނީ ރޭގައެވެ. ނަމަވެސް އަދި މި އެއްބަސްވުމަށް ރަސްމީކޮށް އިސްރާއީލުން އަމަލު ކުރަން ފަށާފައެއް ނުވެއެވެ.
ޕެންޓަގަނުގެ އޮފިޝަލު އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާގެ ސިފައިން ޣައްޒާއަށް ނުވަންނާނެ ނަމަވެސް، އެ ސަރަހައްދުގައި ޤަތަރު، މިސްރު، އެކުވެރި އަރަބި އިމާރާތް އަދި ތުރުކީގެ ސިފައިން ހަރަކާތްތެރިވާނެއެވެ. އެމެރިކާގެ ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެފަރާތުން އަމަލުކުރަމުންދޭތޯ މޮނިޓަރކޮށް ބެލެހެއްޓުމެވެ.
މި އެއްބަސްވުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެފައިވާ ފުރަތަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތުން ވެސް ހަނގުރާމައިގެ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފައިވެއެވެ.




