ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓު) އިން މިއަދު ލަފާކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓުން މިއަދު ހެނދުނު ނެރުނު ހުދު ސަމާލުކަމުގައި ބުނެފައިވާ ގޮތުން، ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެ ކަމަށްވެސް ބުނެފައިވެއެވެ.
މެޓުން ބުނިގޮތުގައި، ކަނޑުގެ ހާލަތަށް ބަލާއިރު، މި ދުވަސްވަރު ކަނޑު އޮންނާނީ އާދައިގެ ވަރަކަށް ގަދަވެފައެވެ. ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވެދާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މެޓުން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، މުޅި އޮކްޓޯބަރު މަހު، ރާއްޖޭގެ ބޮޑު ހިސާބަކަށް ފިނިވާނެއެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުތައް ކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.




