ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖަރުމަނުވިލާތުން 34 މިލިއަން ޑޮލަރު (29 މިލިއަން ޔޫރޯ) ދިނުމަށް ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ޗާންސެލާ ފްރެޑްރިޗް މާޒްއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޗާންސެލާ މާޒް ވިދާޅުވީ، އިންސާނީ އެހީގެ ގޮތުގައި އަޅުގަނޑުމެން 29 މިލިއަން ޔޫރޯ ދެނީ. މިސްރާއި ގުޅިގެން ޣައްޒާ އަލުން އާރާސްތު ކުރުމުގެ ކޮންފަރެންސަކަށް އަހަރުމެން ދައުވަތު ދޭނަން ކަމަށެވެ.
މިސްރާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމުގެ ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ޣައްޒާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ތަކެތި ހޯދުމަށް މަސައްކަތްކުރުން ކަމަށް ޗާންސެލާ މާޒް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ފެނާއި ކަރަންޓު ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމާއި ސިއްހީ ސާމާނު ހިމެނެއެވެ.
މި އިއުލާން ކުރައްވާފައިވަނީ ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ ޣައްޒާގެ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ.
މިހާރު ޣައްޒާގެ އެކި ސަރަހައްދުތަކުން އިސްރާއީލީ ސިފައިން ފައިބަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުން ވަނީ އެމީހުންގެ ގެތަކަށް އެނބުރި ދިއުމުގެ މަސައްކަތް ފަށާފައެވެ. ޖަރުމަނުވިލާތުން މި އެހީ ހަމަޖައްސާފައިވަނީ މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށާއި އެސަރަހައްދު އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.



