އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އިން އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައި ބޭއްވި ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޕަލާއުގެ ރައީސް ސުރަންގެލް ވިޕްސް، ޔޫއޭއީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ޑރ. އަމީނާ ބިންތި އަބްދުﷲ އަލް ދައްހަކް، އަދި ޕެނަމާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޚުއާން ކަރލޯސް ނަވާރޯ ހިމެނެއެވެ.
އަދި މީގެ އިތުރުން އަބޫ ދާބީގެ ވަލީ އަޙްދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންވެސް ވަޑައިގެންނެވިއެވެ.
އައި.ޔޫ.ސީ.އެން. އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ތިމާވެށީގެ ނެޓްވޯކެވެ. މި ޖަމްޢިއްޔާގައި 1400 އަށްވުރެ ގިނަ މެމްބަރު ޖަމްޢިއްޔާތަކާއި 1700 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނެއެވެ. ދިވެހިރާއްޖެ މި ޖަމުޢިއްޔާގެ ސްޓޭޓް މެމްބަރަކަށް ވެފައިވަނީ 2022 ވަނަ އަހަރުއެވެ.
ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވެނީ ފަސް މުހިންމު ދާއިރާއަކަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.
މި ކޮންގްރެސްއަކީ ޤައުމުތަކުގެ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.



