ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަރަޙައްދުގެ ޢުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން، އެ ސަރަޙައްދު އަލުން އާރާސްތު ކުރުމަށް އެތަކެއް އަހަރެއް ހޭދަވާނެ ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ޚާއްޞަ ތަޖުރިބާކާރެއް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމުގެ ޙައްޤުތަކާ ބެހޭ އދގެ ޚާއްޞަ ރެޕޯޓަރ ބާލްކްރިޝްނަން ރާޖްގޯޕާލް ވިދާޅުވި ގޮތުގައި، ޣައްޒާގެ ހުރިހާ ރަށެއް ވަނީ ސުންނާފަތި ކޮށްލާފައެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދިޔަ ގެދޮރާއި އިމާރާތްތަކުގެ 92 އިންސައްތަ ވަނީ ހަލާކުކޮށްލާފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އޮކްޓޫބަރު 9 ވަނަ ދުވަހު ޙަމާސް ޖަމާޢަތާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން، އަމިއްލަ ވަޒަނުން މަޖުބޫރުން ބޭރުކޮށްފައިވާ އެތައް ސަތޭކަ ހާސް ރައްޔިތުން ވަނީ އެނބުރި އެ މީހުންގެ ގެދޮރަށް ދިޔުމަށް ދަތުރު ފަށާފައެވެ.
”ޣައްޒާގެ ރައްޔިތުންނަށް ތަޙައްމަލު ކުރަން ޖެހިފައިވާ ނަފްސާނީ އަނިޔާ ވަރަށް ބޮޑު، އަދި ޣައްޒާގެ އުތުރުގައި ދިރިއުޅުނު ރައްޔިތުން އެނބުރި އެ މީހުންގެ ގެދޮރަށް ދިޔުމުން އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެ މަންޒަރު،“ ރާޖްގޯޕާލް ވިދާޅުވިއެވެ.
އޮކްޓޫބަރު 7 އިން ފެށިގެން ހިންގި ޤަތުލުޢާންމުގައި 67,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިތުރު 10,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.
ރާޖްގޯޕާލް އިތުރަށް ވިދާޅުވީ، ޣައްޒާގެ ސަރަޙައްދީ ހުރަސްތައް އިސްރާއީލުން ކޮންޓުރޯލު ކުރުން ހުއްޓައިލުމުން މެނުވީ ޣައްޒާއަށް އިންސާނީ އެހީ އެތެރެއެއް ނުކުރެވޭނެ ކަމަށާއި، އެ ކަން ކުރުން ވަރަށް މުހިންމު ކަމަށެވެ.



