ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ށ.ނޫމަރާގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ނޫމަރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ މަރުކަޒުގެ ބިންގާއަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އަދި ނޫމަރާ ކައުސިލުންވެސް ބައިވެރިވެފައި ވެއެވެ.
ނޮވެމްބަރު 17، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތެވެ. މި ރަށްތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޕޯސްޓެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.




